ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބިފައިވާ ފްލެޓްތަށް އެއްބަސްވުމާ ހިލާފަށް، ކުއްޔަށް ދޭ ނަމަ ފްލެޓް އަތުލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނެޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ހަމްދާން މިހެން ވިދާޅުވީ އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު ބޮޑު އަގުގައި އެތަންތަން ކުއްޔަށް ދޭން އިޝްތިހާރު ޖަހަން ފަށާފައިވާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.
ހަމްދާން ވިދާޅުވިގޮތުގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓިތަކެކެވެ. އެހެންވެ، މި ފްލެޓްތައް ކުއްޔަށް ދިނުމަކީ އެފްޑީސީއާ ޕްލެޓު ލިބިފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، މިކަމާ ގުޅިގެން އެފްޑީސީއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން، މި ބަޔާނުގައި ޔުނިޓު ލިބޭފަރާތާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ޔުނިޓު ލިބޭ ފަރާތުން ޔުނިޓު އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާކަން ފާހަގަކުރިއެވެ. އަދި އެއާ ހިލާފަށް ޔުނިޓް ލިބޭ ފަރާތުން އަމަލުކޮށްފިނަމަ އެކަމެއް ބަލައި ޔުނިޓުގެ ވެރިފަރާތާ އެފްޑިސީއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެފަރާތާމެދު ފިޔަވަޅުއަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
މީގެއިތުރުން އެފްޑީސީއިން ވަނީ، ޔުނިޓު ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ސޯޝަލް ހައުސިން ސްކީމްތަކުގެ މަގްސަދު ހާސިލްކޮށް، އެކަމުގެ ހައްގުވެރިންނަށް ފައިދާ ކުރާނެ ގޮތަކަށް މި ސްކީމްތައް ހިންގުމަށް އެފްޑީސީއިން މަސަތްކަތް ކުރާނެކަމަށްވެސް ބަޔާނުގައި ބުނި އެވެ.
އެފްޑީސީން ހުޅުމާލެ ދޭއްގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށައި، މިހާތަނަށް 78 މީހަކާ ތަޅުދަނޑި ވަނީ ހަވާލުކޮށްފަ އެވެ. މި ފްލެޓްތަކަށް ފެނާއި ކަރަންޓު ދީފައިވާތީ، ހަވާލުކުރުމާއެކު ދިރިއުޅެން ފެށޭނެ އެވެ.
ފްލެޓް ލިބުނު ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަންތަން ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. ނަމަވެސް، މިހާރު ވަނީ ބައެއް ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެގޮތުން ބައެއް ފްލެޓުތައް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށްވެސް އިއުލާނުކޮށްފައިވެ އެވެ.