- އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒް އިސްމާއީލުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
އެ ޕާޓީގެ ޗެއާޕާސަންާ ފައްޔާޒަށް އޭސީސީން ފޮނުވި ޗިޓުގައި، އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ 09:30 އަށެވެ.
ފައްޔާޒަށް ކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް ލިބެންނުޖެހޭ މަންފާއެއް ހޯދަދިނުމުގެ ތުހުމަތެވެ. އަދި އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައި ވާތީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތެވެ.
2019 ވަނަ އަހަރު އެ ކުންފުންޏަށް ބަދަލު ދިނުމަށް ނިންމީ އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީންނެވެ. ފައްޔާޒް ވަނީ އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ނިންމުން ނިންމުމުގައި ބައިވެރިވެފަ އެވެ.
ޗިޓުގެ ފޮޓޯ 'އެކްސް' ގައި ހިއްސާކުރައްވަމުން ފައްޔާޒް ވަނީ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.