ޚިޔާނާތުގެ ދައުވާ ސާބިތުވެ ބައްސާމް 4 އަހަރަށް ޖަަލަށް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް (ފޮޓޯ/ މިހާރު)

ޚިޔާނާތުގެ ދައުވާ ސާބިތުވެ ބައްސާމް 4 އަހަރަށް ޖަަލަށް

SHARE

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވިކަން ސާބިތުވެެ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށް ލުމަސް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ދައުވާކޮށްފައިވަނީ، އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެ އެސޯސިއޭޝަންގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު އޭނަގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. މި މައްސަލައިގަ ބައްސާމްގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ މި މައްސަލައިގައި ހިޔާނާތުގެ ކުށުގެ ދައުވާއަށް ހުކުމް އިއްވުމެވެ. އަޑުއެހުމުގައި ބައްސާމް ބުނިގޮތުގައި 10.000 ޑޮލަރުގެ މުއާމަލާތަކީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެކެވެ. އެކަމަކު ދައުލަތުން ބުނަނީ އެ 10،000 ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުލިބޭ ކަމަށެވެ.

ދައުލަތުން ބުނީ، ފީފާއިން އެފްއޭއެމަށް ދިން އެ ފައިސާއިން ބޭންކަށް ދައްކަންޖެހޭ ފީތައް ކެނޑުމަށް ފަހު ބައްސާމްގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކޮށްފައިވާކަން ލިޔެކިއުންތަކުން އެނގޭ ކަމަށެވެ. އެހެންވެ، ހިޔާނާތުގެ ކުށުގެ ހުރިހާ އުންސުރެއް ފުރިހަމަވާތީ ބައްސާމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދައުލަތުން އެދުނެވެ. އަ

ބައްސާމްގެ މައްޗަށް މިއަދު ހުކުމް އިއްވާފައިވަނީ ހިޔާނާތުގެ ދައުވާ އާ ގުޅިގެން ނެވެ. މި މައްސަލާގައި ބައްސާމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އަދި ނީއްވައެވެ.