އދ. ކުނބުރުދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އާއި އެ ރަށުގައި އާ ސްކޫލް އިމާރާތެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުނބުރުދޫއަށް ވަޑައިގެންނެވުމުން ބޭއްވި ޖަލްސާގަ އެވެ. މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސްކޫލް އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.
ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ، 67.41 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން 28,740.90 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި 444 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 20 މީޓަރުގެ ނެރު ބޭރުތޮއްޓެއް ލާނެ އެވެ. އަދި 246 މީޓަރުގެ ބަނދަރު ބޭރުތޮއްޓެއް ލުމާއެކު 38 މީޓަރުގެ މޫދު އަޑިއަށް ވާ ގޮތަށް ބޭރު ތޮއްޓެއް ލާނެ އެވެ. 16 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 2945 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ވެސް މި މަޝްރޫއުގެ ދަށުން ހަރުކުރާނެ އެވެ.
ސްކޫލް މަޝްރޫއުގެ ދަށުން 9500 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެއެވެ. 22.63 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއު 540 ދުވަހުން ނިންމަން ޖެހެ އެވެ.
މީގެއިތުރުން އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރުއޫ ވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ 169.11 މިލިއަން ރުފިޔާ އަށް ކުރިއަށްގެންދާ މަޝްރޫއު އެކެވެ.
މި މަޝްރޫއުތައް އެމްޓީސީސީއާ މިއަދު ހަވާލުކުރެވުނުއިރު، މިއަދު ބޭއްވި ރަސްމިއްޔާތެއްގަ ވަނީ އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. އެމްޓީސީސީން ކުރިއަށްގެންދާ މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 8.17 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.