ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ދެގުނަ ބޮޑުކުރުމަށް ރާއްޖޭގެ ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް ފާސްވީ 58 މެމްބަރުންގެ ވޯޓާ އެކު އެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 10 މެމްބަރުން ވޯޓު ދެއްވި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ 50 އަށް ވުރެ މަދު ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސް އަށް ނަގާ އަދަދު ތިން ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުމަށެވެ. 50 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ އަދަދުވެސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ޓެކްސް ބޮޑުކުރުމަށެވެ.
މީގެއިތުރުން، ޓީޖީއެސްޓީ ވެސް 17 އިންސައްތަ އަށް މަތިކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ވެސް އިއްޔެ ބަލައިގަނެފައިވެ އެވެ. މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަނީ 16 އިންސައްތައިގަ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި އިސްލާހާއެކު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 201.9 މިލިއަން ރުފިޔާއިން އިތުރުވާނެ އެވެ.
އެ ބިލު ވެސް ދިރާސާކުރާނީ މުޅި މަޖިލީހުގެ ކޮމިޓީން ނެވެ.