އދ. ދަނގެތީގެ ސްކޫލުގެ އައު އިމާރާތް އެޅުމަށް އެފްޑީސީއާ ހަވާލުކޮށްފި އެވެ.
ދަނގެތި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިޔަށް ގެންދާ މި މަޝްރޫއުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަނގެތީ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ސަރުކާރުގެ ފަރާތުން މި މަޝްރޫއުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާއީލް ޝަފީއު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދަނގެތީ ސްކޫލުގެ އައު އިމާރަތުގައި މަލްޓިޕަރޕަސް ހޯލަކާއި, 10 ކުލާސްރޫމްގެ އިތުރުން އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މިދަތުރުފުޅުގައި، ދަނގެތީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތާއި ކައުންސިލް އައު އިމާރާތުގެ މަސައްކަތްވެސް ފަށާފަ އެވެ.
އެގޮތުން، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ އިބްރާހީމް ނަޒީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރަޝީދު އާއި ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު އެވެ.
ދަނގެތި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު އޮފް ސިޓީސ އެންޑް ލޯކަލް ގަވަމެންޓް އާދަމް ޝަރީފު އުމަރެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، (އާރުސީސީ) އާ ހަވާލުކޮށްގެންނެވެ. އދ. ދަނގެތީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫއުގައި ހިމެނޭ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ތަރައްގީކުރެއްވުމެވެ.