އިދިކޮޅު އެމްޑީޕީން ހުުކުރުދަވުހުގެ ރޭ ކުރިޔަށް ގެންދިޔަ "ލޫޓުވާލައިފި" މުޒާހަރާގައި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ އަށް، ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުން މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުއްދަ ދީފަ އެވެ. އެކަމަކު އެމްޑީޕީ މެމްބަރުން ވަނީ ހުއްދައާ ޚިލާފުވެ މަޖީދީ މަގުން ދިއުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެކަން ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން އެމްޑީޕީން ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މުޒާހަރާ ކޮންޓްރޯލްކުރަން ހަރަކާތްތެރިވި އަންހެން ފުލުހަކަށާއި ފިރިހެން ދެ ފުލުހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ދެ މީހަކަށް ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާދިންއިރު، އަނެއް އޮފިސަރަށް ފަރުވާދިނީ ފުލުހުން ބުނި ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
އަންހެން ފުލުހަށް އަނިޔާވެފައިވަނީ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރި ގަޑީގައި ޝީލްޑާއެކު ވެއްޓި، އޭނާގެ ގައިމަތިން މުޒާހަރާގެ ބައެއް ބައިވެރިން ހިނގުމުގެ ސަބަބުންނެވެ. އަދި ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކުގެ ގައިގައި ބެރިކޭޑަކުން ޖަހައި އަނިޔާކޮށްފައިވާއިރު، އަނެއް ފުލުހަށް އަނިޔާވެފައިވަނީ މުޒާހަރާގެ ބައިވެރިން ޝީލްޑްތަކުގައި ޖެހުމުގެ ސަބަބުންނެވެ.
މި މުޒާހަރާގައި ފުލުހުންގެ އަމުރަށް ކިޔަމަން ނުވި އަށް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހެއްގެ ބަންދު 15 ދުވަހަށް އިތުރުކޮށްފައިވެއެވެ.