މަހާޖައްރާފު މަރާމާތުކުރުމުގެ ނަމުގައި ވެސް ކޮރަޕްޝަން؛ މައްސަލަ އޭސީސީއަށް

އެމްޓީސީސީގެ މަހާޖައްރާފު (ފޮޓޯ/ އެމްޓީސީސީ)

މަހާޖައްރާފު މަރާމާތުކުރުމުގެ ނަމުގައި ވެސް ކޮރަޕްޝަން؛ މައްސަލަ އޭސީސީއަށް

SHARE

މޯލްޑިވްސް ޓްރާންސްޕޯތް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބިން ހިއްކުމަށް ގެންގުޅޭ 'މަހާޖައްރާފު' 2022 ވަނަ އަހަރު މަރާމާރުކުރިއިރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ގިނަ ކަންކަން ފާހަގަވެ، އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިން ހިއްކަން އެ ކުންފުނިން ގެންގުޅޭ އެންމެ ބޮޑު ކޮންނަ ބޯޓު ކަމަށްވާ މަހާޖައްރާފަށް ލިބުނު ގެއްލުންތަކެއް މަރާމާތުކުރުމަށްޓަކައި 2022 ވަނަ އަހަރު ދުބާއީ ޑޮކްޔާޑުން ހަރަދުކޮށްފައިވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މަހާޖައްރާފު މަރާމާތުކުރުމަށް އެކަށިގެންވާ އަގަށް ވުރެ އެތައް ގުނައެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފާހަގަކުރެވުނީ އެމްޓީސީސީން ބުނިގޮތުގައި، އެ ކުންފުނީގެ އިންޓާނަލް ރިޕޯޓުންނައި ޑިރެކްޓަރުންގެ ބޯޑަށެވެ. އެހެންވެ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކުރަން އޭސީސީގައި ރަސްމީކޮށް އެދިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

މަހާޖައްރާފު މަރާމާތުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ތަހުގީގުކުރަން އޭސީސީއަށް ހުށަހަޅާފައިވާއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ މައްސަލައެއް ވެސް ތަހުގީގުކޮށްދިނުމަށާއި އެ ފައިސާ އަނބުރާ ހޯދަން އެދިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ އިއްޔެ ބުނެފަ އެވެ.

އެ މައްސަލަ ތަހުގީގުކޮށް، ޝަރީއަތުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހުން ގެނައުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފަ އެވެ.