މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް، މިހެން ވިދާޅުވީ ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އެ 3000 ޔުނިޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެއީ އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަހައްދުގައި 4,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ އިތުރަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
"މިއީ އިންޑިއާގެ އެލްއޯސީގެ 4000 ހައުސިން ޔުނިޓުގެ އިތުރަށް ކުރިއަށްދާނެ މަޝްރޫއެއް. އެ މަޝްރޫއުވެސް އަދި ފެށޭނެ. އޭގެ އިތުރަށް 3000 ހައުސިން ޔުނިޓް އަޅާނެ ވާހަކަ މި ދެންނެވީ. އެކަމަށް ބޭނުންވާ ހުރިހާކަމެއް ނިމެމުން މި ދަނީ. އަޅުގަނޑު ވީ އެންމެ ބޮޑު ވައުދުމިއީ ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ގެނެސްދޭނަމޭ". ރައީސް ވިދާޅުވި އެވެ.
ރައީސް ޔަގީންކަން ދެއްވީ، އާބާދީ ކުޑަ ނަމަވެސް ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ސަރުކާރުން ކަންތައްތައް ކޮށްދޭނެކަމަށެވެ. އަދި މިކަންތައްތައް މިހާރު ކުރަމުންދަނީ އިނދަޖެހިފައި އޮތް އިގަތިސާދެއް ނަގާ ކޮޅައް ޖަހަމުން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެއިތުރުން، ކުރެވުނު ވައުދުތަށް ހަނދާން އެބަހުރި ކަމަށާއި، މިހާރު ވެސް އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވައުދުތަކަށް އަމަލީ ސިފަ ޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާއިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އެއީ، ރާއްޖޭގެ މުޅި ތާރީހުގައިވެސް އެ މައްސަލައަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓެވެ.
މި ސަރުކާރުން އަންނަނީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި "ގެދޮރުވެރިޔާ" ޕްރޮގްރާމްގެ ދަށުން 4000 އަށްވުރެ ގިނަ ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޯޝަލް ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގަން ރާވާފައިވާއިރު ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ލޯނު ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށްޓަކައި ލޯމް ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލެ ސަރަޙައްދުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.