ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ސަރުކާރުން ކުރިއަށް ގެންދާ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާހުކޮށ،ް މިއަދު ތަމްރީނު ފަށައިފި އެވެ.
ޅ. މާފިލާފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގައުމީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. ގައުމީ ޚިދުމަތުގެ ޕްރޮގްރާމް އިފްތިތާހުކުރެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ އެ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފަ އެވެ.
ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން އެ ހިދުމަތުގެ ވައުދުވުމާއި އިގުރާރުވުން ވެސް އެ ރަސްމިއްޔާތުގައި އޮތެވެ.
ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުން ތަމްރީނަށް ފުރީ މިދިޔަ މަހުގެ 18 ގަ އެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ 107 ރަށަކުން، އަުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެނުން ހިމެނެ އެވެ.
މި ޕްރޮގްރާމްގެ މަގްސަދުތަކުގެ ތެރޭގަ ހިމެނެނީ:
- ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން
- ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން.
- ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން.
- ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
- ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.
- ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.
މިއީ އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ތެރެއިން މިލިޓަރީއާ ގުޅުންހުރި ދާއިރާތަކުން 5،000 ވަޒީފާ އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.