ރާއްޖޭގެ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކާ މެދު މަޝްވަރާކޮށ، ފިޔަވަޅު އަޅަން، މަތީ ފެންވަރުގެ ކޮންފަރެންސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި އެމަނިކުފާނު ގޮވާލައްވާފައިވަނީ އެކި ސަރަހައްދުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާ މަގާމުގެ ނުފޫޒާ ބާރު ނަހަމަ ގޮތުގަ ބޭނުންކުރުމުގެ މައްސަލަތައް ބަލާ ތަހުލީލުކުރުމަށް ކޮންފަރެންސެއް ބޭއްވުމަށެވެ. އެ ކޮންފަރެންސްގެ ތާރީހާއި ތަނަކާއި އެޖެންޑާ އަދި ރަޖިސްޓަރީ ކުރާނެ ގޮތުގެ ތަފުސީލް ކުރިއަށް އޮތް ހަފުތާގައި އާންމު ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ އޮފީހުން ބުނިގޮތުގައި މަރުކަޒީ ބޭންކު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވި އަލީ ހާޝިމާއި އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ކޮންފަރެންސަަށް ލިބިގެންދާނެ ކަމަށެވެ.
އޭގެއިތުރުން ވިސްލްބްލޯވަރުންނާއި ކޮރަޕްޝަނުގެ ޝިކާރައަށްވެފަ ތިބި މީހުންގެ ހެކިބަސް އެ ކޮންފަރެންސްގައި ނެގޭނެ ކަމަށާއި އެކި ލިޔެކިޔުން މުތާލިޔާކޮށް، ބަލައި ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއަތުތަކާއި އުސޫލުތަކާއި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އެ ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.