ބާރުގަދަ ގައުމުތަކަށް ގާނޫނު ނުހިންގޭ: ރާއްޖެ 

big_RABVWN2cpRQxWqt2KQDthHoCl

ބާރުގަދަ ގައުމުތަކަށް ގާނޫނު ނުހިންގޭ: ރާއްޖެ 

SHARE

ބާރުގަދަ ގައުމުތަކަށް ގާނޫނު ނުހިންގޭތީ ދުނިޔޭގެ ނިޒާމަށް އޮތް އިތުބާރު ދަނީ ގެއްލެމުންކަމަށް ދިވެހި ސަރުކާރުން އދ.ގެ އާއްމު މަޖިލީހުގައި ބުނެފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ހަމަހަމަކަމާ އެކު އދ. ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން، މިސާލެއްގެ ގޮތުގައި ހަލީލް ނެންގެވީ، ފަލަސްތީނުގައި އެއްވެސް ޖެހިލުމެއް ނެތި އިޒްރޭލުން ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާ ގަތުލު އާއްމެވެ. މިގޮތުން، އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި، އދ.އިން ފާސްކޮށްފައިވާ އެތަކެއް ގަރާރުތަކާއި ބައިނަލްއަގުވާމީ ކޯޓުތަކުން ނެރެފައިވާ އަމުރުތަކާ ހިލާފަށް ކަންތައްކުރާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިސްރާއީލު ގެނައުމުގައި އދ.އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ގައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނުގެ ބާރު ނުހިނގާ ދުނިޔެއެއްގެ ބިރުވެރި މުސްތަގުބަލު ސިފަކޮށްދެއްވަމުން، ހަލީލް ވަނީ އދ. ގެ އޮނިގަނޑު އިސްލާހުކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމުކުރަން އަވަސްވެގަތުމަށް ގޮވާލައްވައިފަ އެވެ.