ޒިންމާދާރު ގޮތެއްގައި ބައިނަލްއަޤްވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަންފީޒުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖޭން މިކަމަށް ގޮވާލައްވާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާ ގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.
މިިނިސްޓަރު ހަލީލްގެ ތަގުރީރުގައި ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އޭއައި މެދުވެރިކޮށް މައުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލުކަން އެންމެ ކުދި ގައުމުތަކަށް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި އިގްތިސާދީ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގާބިލްކަން ހުރިކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާ ބޮޑުވުމާއި، ސަވައިލެންސް ކުރުމާއި، އަނިޔާވެރިވުމާއި، ހަނގުރާމަތައް އިތުރުވުން ފަދަ ކަންކަމާ މެދު ސަމާލުވުމަށްވެސް މިނިސްޓަރު ގޮވާލެއްވިއެވެ.
މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އާޓިފިޝަލް އިންޓެލިޖެންސަކީ އެ ގައުމުތަކުގެ ދެމިއޮތުމާއި ކާމިޔާބީ އަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީ، މޯލްޑިވްސް 2.0 ގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އީޖާދީ އަދި ތަރައްގީގެ މައި ތަނބުގެ ގޮތުގައި ރައްޔިތުން އިސްކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވި އެވެ. ނިންމާލައްވަމުން މިނިސްޓަރު ވަނީ އާޓިފިޝަލް އިންޓެލިޖެންސަކީ ސުލްޙަވެރިކަމާއި، އަދުލުވެރިކަމާއި، އިންސާނީ ކަރާމާތަށް ބާރުއަޅާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް މެންބަރު ގައުމުތަކަށް ގޮވާލައްވާފަ އެވެ.