މީޑިއާތައް ރެގިއުލޭޭޓު ކުރުމަށްޓަކައި އުފައްދާ މިޑީއާ ކޮމިޝަނަށް މެމްބަރުން އައްޔަނުކުރުމަށް ބާއްވާ އިންތިހާބުގައި ކޮންމެ މީޑިއާއަކަށް 1 ވޯޓު ލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އުސޫލެއް އެކުލަވާލައިފި އެވެ.
މީޑިއާ ކޮމިޝަނު އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަަތަރު މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި އުސޫލުގައި ވާގޮތުން މީޑިއާ ކޮމީޝަނަށް މެމްބަރުން އައްޔަނުކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލެވޭނީ ރެޖިސްޓާ ކޮށްފައިވާ މީޑިއާތަކަށް އެކަން ޏެވެ. އެގޮތުން ކޮންމެ ބްރޯޑްކާސްޓަރަކަށާއި މީޑިއާއަށް ލެވޭނީ އެއް ވޯޓު ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. އެގޮތުން:
- ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ކެންޑިޑޭޓުން ހޮވަން ވޯޓު ލެވޭނީ ބްރޯޑްކާސްޓަރުންނަށް އެކަނި
- މީޑިއާތައް ތަފްސީލުކުރާ ކެންޑިޑޭޓުން ހޮވަން ވޯޓު ލެވޭނީ ބްރޯޑްކާސްޓަރުން ފިޔަވައި އެހެން މީޑީއާތަކަށް
އުސޫލުގައި ބުނެފައިވާގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުން އަދި، މީޑިއާތައް ތަމްސީލުކުރުމަށް ދެ މެމްބަރުން އިންތިހާބުކުރާނެ އެވެ
ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގަ ހުންނަން ޖެހޭ ބައެއް ޝަރުތުތައް
- އުމުރުން 30 އަހަރު ވެފައިވުން
- ނޫސްވެރިކަމުގެ ނުވަތަ ބްރޯޑްކާސްކުރުމުގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން
- މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުން
- ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން
- ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތް ދިނުމުގެ ދާއިރާގަ ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން
މި އުސޫލުގެ ދަށުން އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި އެ މީހެއްގެ ކެންޑިޑަސީ ގަބޫލުކުރިކަން ނޫނީ ނޫންކަން އީސީން އަންގަންޖެހޭނެ އެވެ.
އާ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި ކޮމިޝަން އެކުލަވާލަން ޖެހެ އެވެ. އެ ކޮމިޝަން އެކުލަވާލަން ދެން މީޑިއާ ރެގިއުލޭޓް ކުރަމުންދަނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި 5 މެމްބަރުންގެ ވަގުތީ ކޮމިޓީ އަކުން ނެވެ.