އޮމަދޫގެ ފެނާ ނަރުދަމާ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދާނަން: ރައީސް

ތ. އޮަމަދޫގެ ރައްޔިތުންނާ ރައީށް ބައްދަލުކުރައްވަނީ

އޮމަދޫގެ ފެނާ ނަރުދަމާ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދާނަން: ރައީސް

SHARE

ތ. އޮމަދޫގައި ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މިގޮތަށް ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތ. އޮމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އޮމަދޫގައި ފެނާ ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް  ޕްރައިވެޓް ލިމިޓެޑާ އެވެ. 2021 ވަނަ އަހަރު ހަވާލުކުރެވުނު އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްނުދިއުމަކީ އެ ރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ މައްސަލަ ކުރިއަށްދާ ގޮތް ސާފުކޮށްދެއްވާފަ އެވެ.

އެގޮތުން، ރައީސް ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ އެއްވެސް ފައިސާއެއް މިހާރު ނޯންނާނެ ކަމަށާއި އެހެންކަމުން އެ ކުންފުނިން މަސައްކަތް ނުކުރަންޖެހޭ އެއްވެސް ސަބަބެއްވެސް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަދިވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުނުކޮށް ކުރިއަށްދިއުމަށް ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށްނުދާނަމަ އެ އެއްބަސްވުން ބާތިލުކުރާނެ ކަމަށާއި އަދި އެކަން ކުރެވޭ އެހެން ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކުރައްވާނެ ކަމަށެވެ.

" އެކަން އަދިވެސް އެ ކުންފުނި މެދުވެރިކޮށް ކުރުމަކީ މީގަ އަޅުގަނޑުމެން އިސްކަންދޭ ގޮތް. ޕެންޑިން އެއްވެސް ބިލެއް ނެތް، ސަރުކާރުން ފެސިލިޓޭޓްކޮށްދޭން ޖެހޭ ކަމެއް ވެސް ނެތް. ހުރިހާ ކަމެއް އެވަނީ ހަމަޖައްސައިދީފަ. އެހެންވީމަ އަޅުގަނޑުމެން އަދިވެސް އެބޭފުޅުންނާ އިތުރަށް ވާހަކަދައްކާނަން. މި ދަތުރަށް ފަހުގައި" ރައީސް ވިދާޅުވި އެވެ.

އަވަހަށް މަސައްކަތް ނުފެށޭ ނަމަ އެ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫއުއަކީ 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުރީ ސަރުކާރުގައި 32.4 މިލިއަން ރުފިޔާ އަށް ހަވާލުކުރެވުނު މަޝްރޫއު އެކެވެ. ހޭ