MTCC

އަތުން ނުހިފޭ ތަރައްގީއަށް ވެސް ސަމާލުކަންދޭންޖެހޭ: ރައީސް

ތ. ވޭމަންޑޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އަތުން ނުހިފޭ ތަރައްގީއަށް ވެސް ސަމާލުކަންދޭންޖެހޭ: ރައީސް

SHARE

އަތުން ހިފޭ ތަރައްގީ ހޯދާއިރު، އަތުން ނުހިފޭ ތަރައްގީއަށް ވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ވޭމަންޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އަތުން ނުހިފޭ ތަރައްގީ އަކީ ރައީސް ވިދާޅުވި ގޮތުގައި މީހުންގެ އުޅުމާއި، ގުޅުމާއި، އަހުލާގުގެ ތަރައްގީ އެވެ.

އިއްޔެއަކީ ރާއްޖެ އިސްލާމްވީތާ 899 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވައި ރައީސް ވަނީ، މިދިޔަ ދުވަސްތަކުގައި އެކުވެރި އެއްބައެއްގެ ގޮތުގައި އުޅެވުނީ އިސްލާމްދީނުގެ ސަބަބުން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ އަޒުމަކަށް ވާން އެބަޖެހޭ. އަންނަން ޖެހޭ ޖީލުތަކަށް އަޅުގަނޑުމެންގެ ކާބަފައިން، ޚާއްސަކޮށް އަޅުގަނޑުމެންގެ އަބުޠާލުންއެ ކުރި ޖިހާދު، ބޮޑުތަކުރުފާނާއި އެތައް އަބުތާލުންނެއް ކުރެއްވި ޖިހާދުތަކުން އަޅުގަނޑުމެންނާ ހިސާބަށް އިސްލާމްދީން ރައްކާތެރިކަމާ އެކު ފޯރުކޮށްދޭން. " ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން ކުރެވޭނީ، ސިކުނޑިތައް ހެޔޮގޮތުގައި ތަރައްގީކޮށްގެން ކަމަށެވެ.

ރައީސް ވަނީ، ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމަށާ، ގައުމަށް ލިބިފައިވާ އެންމެ ބޮޑު ފަހުރަކީ އިސްލާމްދީން ކަން ގަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އެ ދީން ފޯރުކޮށްދިނުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވާފަ އެވެ.

އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދާއިރާއިން ރައްޔިތުންގެ އެއްބާރުލުމާއެކު ފަހުރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކަމަށެވެ. ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާ، އެގޮތުން އިސްލާމީ ޔުނިވާސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ހުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ އެގޮތުން، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.