ގަަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ 81 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގަަވާއިދާ ހިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ އަދާހަމަ ހިއްސާކުރަމުން ފުލުހުން ބުނީ، މި އޮޕަރޭޝަންގައި 65 ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި، މާލެއިން މިއަދު 932 ބިދޭސީން ޗެކުކޮށް، 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މި އޮޕަރޭޝަންގައި 463 ވިޔަފާރިއެއް ޗެކްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓްގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގު ކްރައިމް އަދި މާލެ ޕޮލިސް ކޮމާންޑުން ބައިވެރިވެފައިވެ އެވެ. މި އޮޕަރޭޝަނަށް އިމިގްރޭޝަން އަދި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުން ވެދޭ އެހީތެރިކަން ފާހަގަކޮށް އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.