ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަށް އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކަށް ދައުވަތު ދީފި

އދ ގެ އާއްމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ހަލީލް ތަގުރީރުކުރައްވަނީ (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަށް އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކަށް ދައުވަތު ދީފި

SHARE

ޑިޖިޓަލް ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް އެހެން ގައުމުތަކަށާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކަށާއި، ޕްރައިވެޓް ސެކްޓަރަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަަލީލް ދައުވަތު ދެއްވައިފި އެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްތުކުރުމުގެ ދައުވަތު މިނިސްޓަރު ދެއްވީ، އދ ގެ އާއްމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ރާއްޖެއާއި އެސްޓޯނިއާ ގުޅިގެން "ޑިޖިޓަލް ޓްރާންސްފޯމޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގެ ނަމުގައި މިއަދު ބޭއްވި ސައިޑް އިވެންޓުގައި ތަގުރީރުކުރައްވަމުން ނެވެ.

މިނިސްޓަރުގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަ ށެވެ. އެގޮތުން، ރާއްޖޭގައި އިންވެސްޓް ކުރުމަށް ބޭރުގެ ފަރާޓްތަކަށް ދައުވަތުދެއްވަމުން ހަލީލް ވަނީ، ޑިޖިޓަލް ޓްރާސްފޮމޭޝަނަކަށް ގެންދިއުމަށް ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް 2.0″ގެ މަގުޗާޓުގެ މަގްސަދަކީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިސަސް" ރާއްޖޭގައި ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުން ކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ކުރިއަށްގެންދިޔަ ޕެނަލްޑިސްކަޝަން ޑިޖިޓަލް މުސްތަގްބަލެއް ގާއިމުކުރުމަށް މަލްޓިލޭޓަރަލް ކޮލަބްރޭޝަންތަކުގެ މުހިންމު ކަމާއި ބެސްޓް ޕްރެކްޓިސްތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް މުސްތަގުބަލެއް ގާއިމުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

މި ސައިޑް އިވެންޓަކީ އ.ދގެ 79 ވަނަ އާއްމު މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް، ރާއްޖެއަކީ 2040 ވަނަ އަހަރު ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތަށް ބާރުދިނުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. މި އިވެންޓްގެ މައިގަނޑު މަގްސަދަކީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިގްތިސޯދު ކުރިއެރުވުމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޑިޖިޓަލް އިގްތިސޯދު ޖީޑީޕީގެ 15 އިންސައްތަ ހިއްސާ ކުރުމަށް މަގުފަހިކުރުމެވެ.