ކޮޅުމަޑުލު ބުރުނީ ބަނދަރުގެ އަމަލީ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ފަދައިން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ އާބާދީ އޮންނަ ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ތ. ބުރުނީއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގަ އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ރަށު ކައުންސިލާއި، އެކި މުއައްސަސާތަކުގެ މެންބަރުންނާއި މަންދޫބުންގެ އިތުރުން ރައްޔިތުން ބައިވެރިވެ، ސަރުކާރަށް ޚިޔާލު ހުށަހަޅައި، ރަށަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތާއި ޝުޢޫރުތައް ހިއްސާކޮށްފައިވެ އެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެރަށުގައި 30 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި، ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން، ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
މީގެ އިތުރުން، ބުރުނީގެ ޢުމްރާނީ ތަރައްޤީއާއި، ތަޢުލީމީ، ޞިއްޙީ އަދި ގެދޮރުވެރިކަމުގެ ދާއިރާއިން ކުރިއަށްގެންދަން ހުރި މަޝްރޫޢުތަކުގެ މަސައްކަތް ރޭވިފައިވާ ގޮތަށް، އަދި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި، ބުރުނީ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކުރައްވާފަ އެވެ.
ބުރުނީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ.