އަންނަ އަހަރު ކޮޅުފުށީގަ 100 ހައުސިން ޔުނިޓް އަޅާނެ: ރައީސް

ރައީސް މުއިއްޒު މ. ކޮޅުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

އަންނަ އަހަރު ކޮޅުފުށީގަ 100 ހައުސިން ޔުނިޓް އަޅާނެ: ރައީސް

SHARE

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހިންގަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ 4 އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ކޮޅުފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ކޮޅުފުށީގެ ތަރައްގީއަށްޓަކާ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށާއި ކުރިއަށް އޮތީ ތަރައްގީގެ އިތުރު ފުރުސަތުތައް ލިބޭނެ ދުވަސްތަކެއްކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ހިއްސާކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރަށުގައި ތަރައްގީކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތައް ބޭނުންކުރަން ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިތުރު ހިދުމަތްތައް ފޯރުކޮށްދީ ނިންމުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ. އަދި އިތުރު 100 ހައުސިންގް ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއެއް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އަމިއްލަ ގޯތީގައި ހައުސިންގް ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް މި މަޝްރޫއުގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން ތަރައްގީކުރާ ހައުސިން ޔުނިޓްތަކުގެ ކުލިވެސް ކުޑަކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

މީގެއިތުރުން، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން، އެމަނިކުފާނު ދެއްވި އެވެ. އަދި އެ ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ކުރުމަށްޓަކައި ހެލްތު ރޫމާއި، ލައިބްރަރީ އަދި އިތުރު އެހެން ވަސީލަތްތައް ފުރިހަމަވެފައިވާ އިމާރާތެއްގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންގޮސްދޭނެ ކަމަށް ވިދާޅުވި އެެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ވަނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި އެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ފައިދާއެއް ނުލިބުމާއި، ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ވަކިވަކި ދަނޑުތައް ރަށުގައި ތަރައްގީ ކުރެވިފައި ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމާއި، ރަށުގައި ތިބެގެން ނުވަތަ ރަށާ ކައިރި ހިސާބުތަކުން އެކަށީގެންވާ ގޮތުގައި ސިއްޙީ ހިދުމަތް ހޯދުމުގައި ހުރި ދަތިކަމުގެ ވާހަކަ ވެސް ރައްޔިތުން ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގެ ފުޓުބޯޅަދަނޑުގެ އަމަލީ މަސައްކަތާއި ހޭންޑްބޯލް ކޯޓެއްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ. އަދި ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށާ، އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ޚިދުމަތްވެސް އަންނަ އަހަރުގެ ކުރީކޮޅުގައި މ. އަތޮޅުގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެެވެ. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން، މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މައްސަލާގައި ކުރިއަށް ދެވެން އޮތް ގޮތެއް ބަލައި، އެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ކޮޅުފުއްޓަށް ވަޑައިގެންނެވުމާއެކު އެ ރަށުގައި ފިޓްނެސް ރިކްރިއޭޝަން ސެންޓަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތ ވަނީް ފަށާފަ އެވެ.