ފާސް ހޯދަން ނަޝީދުގެ އޮފީހުން ރަސްމީކޮށް އެދިފައެއް ނުވޭ: މިނިސްޓްރީ

އދ. ގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ.  
(ފޮޓޯ/ ސީވީއެފް)

ފާސް ހޯދަން ނަޝީދުގެ އޮފީހުން ރަސްމީކޮށް އެދިފައެއް ނުވޭ: މިނިސްޓްރީ

SHARE

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ރަސްމީކޮށް އެދިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ޖަވާސާގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރެއްވުމަށް ރައީސް ނަޝީދަށް ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ދިވެހި ސަރުކާރުން އިންކާރުކުރި ކަމަށް ބުނެ އެމަނިކުފާނުގެ އޮފީހުން ވަނީ މިއަދު ބަޔާނެއް ނެރެފަ އެވެ.

އެކަން ދޮގުކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން މި މިނިސްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ނަޝީދަކީ ރާއްޖޭގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެމަނިކުފާނަށް އަރުވަމުން ގެންދާ ކަމަށެވެ. އެގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މިނިސްޓްރީއާއި އެ ގައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ހަމަޖައްސައިދީފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް، ރާއްޖޭގެ ރައީސްކަނ ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެ އެވެ.