ތައިރަނޯމް ބޭސް އާސަންދައިގެ ދަށުން ނުލިބޭނަމަ ޝަކުވާ ހުށަހެޅުމަށް އަންގައިފި

big_2PYyZ4M7NDiywtPJ0SVkNdTWs

ތައިރަނޯމް ބޭސް އާސަންދައިގެ ދަށުން ނުލިބޭނަމަ ޝަކުވާ ހުށަހެޅުމަށް އަންގައިފި

SHARE

ތައިރޮނޯމް ބޭސް އާސަންދައިން ނުލިބޭ ނަމަ، ޝަކުވާ ހުށަހަޅަން އަންގައިފި އެވެ.

ތައިރޮނޯމް ބޭސް އެކި ފާމަސީތަކުން ބޮޑު އަގުގައި ވިއްކާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އިއްޔެ ޑރ. އަބްދުލް އަޒީޒު ހަމީދު ސޯޝަލް މީޑިއާގައި ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޑރ. އަޒީޒް ވިދާޅުވި ގޮތުގައި އެކި ފާމަސީތަކުން އެ ބޭސް ވިއްކަމުން އަންނަނީ އެކި އަގުގަ އެވެ. އެއް ތަނުން 90ރ އަށް ހުރި އިރު އެހެން ތަނެއްގައި 195ރ އަށް ހުރި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި 240 އަށް ވެސް މި ބޭހުގެ އަގު ކީ އިރު، އެއްވެސް ފާމަސީ އަކުން އާސަންދައިގެ ދަށުން ބޭސް ލިބިފައިނުވާކަން ފާހަގަކުރި އެވެ.

އެކަމާ ގުޅިގެން އާސަންދައިން ބުނީ ތައިރޮނޯމް އަކީ އާސަންދައިގެ ދަށުން މިހާރު ވެސް ގިނަ ފާމަސީތަކަކުން ލިބެން ހުންނަ ބޭހެކެވެ. އަދި އެ ބޭސް އާސަންދައިގެ ދަށުން ލިބޭ ބޭސްތަކުގެ ލިސްޓުން އުނިކޮށްފައި ނުވާނެ ކަމަށާއި، އެފަދަ ކަމެއް ފާހަގަވާ ނަމަ ޝިކާވަތި ޕޯޓަލަށް ރިޕޯޓުކުރުމަށް އަންގާފައިވެ އެވެ.

ބޭސް ފިހާރަތަކުން އެކި އަގުގައި ބޭސް ދޫކުރާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކުރުމާއި އެކު ޒަރޫރީ އެތައް ބޭހެއް، އެކި ފާމަސީތަކުން އަންނަނީ އާސަންދައިގެ ބޭރުން ބޮޑު އަގުގައި ވިއްކަމުންނެވެ. މި މައްސަލަ ބޮޑުވެ، ޝަކުވާ ހުށަހެޅުމަށް އާސަންދައިން ޕޯޓަލެއް ހަދާ މިފަދަ ފާމަސީތަކާ މެދު އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

މީގެ އިތުރަށް ބޭހާއި، ފާމަސޫޓިކަލް މެޓީރިއަލް ލިބުމުގައި ރާއްޖެ އަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދާދި ފަހުން ވަނީ ކުންފުންޏެއް އުފައްދާފަ އެވެ. އަދި ޑޮކްޓަރުން ބޭސް ސިޓީ ތައްޔާރުކުރާއިރު، އާސަންދައިން ލިބޭ ބޭހައި ނުލިބޭ ބޭސް ވަކިކޮށް އެނގޭނެހެން ލިސްޓެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.