މޫސުމީ ބަދަލުތަކަށް ހޭނުމަކީ ބައިނަލްއަގްވާމީ ގޮތުން ވެސް ގޮންޖެހުމެއް: ތޯރިގް

'ކޮޕް30'ގެ ކުރިން ބޭއްވުނު މޫސުމީ ބަދަލުތަކާ ގުޅިގެން ހާލަތަށް ހޭނުމާ ގުޅިގެން ބޭއްވި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ތޯރިގް ވާހަކަދައްކަވަނީ (ފޮޓޯ/ މިނިސްޓްރީ)

މޫސުމީ ބަދަލުތަކަށް ހޭނުމަކީ ބައިނަލްއަގްވާމީ ގޮތުން ވެސް ގޮންޖެހުމެއް: ތޯރިގް

SHARE

މޫސުމީ ބަދަލުތަކާ އެއްގޮތަށް ހޭނުމަކީ ހަމައެކަނި ގައުމީ ގޮތުން އޮތް ގޮންޖެހުމެއް ނޫން ކަމެއް ކަމަށާއި އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

’ކޮޕް30’ގެ ކުރިން ބޭއްވުނު މޫސުމީ ބަދަލުތަކާ ގުޅިގެން ހާލަތަށް ހޭނުމާ ގުޅިގެން ބޭއްވި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ  "އެޑެޕްޓޭޝަން" ނުވަތަ ހާލަތަށް ހޭނުމަކީ ހަމައެކަނި ގައުމީ ގޮތުން އޮތް ގޮންޖެހުމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގްވާމީ ގޮތުން ވެސް އޮތް ގޮންޖެހުމެއް ކަމަށެވެ.

ތޯރިގް ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް މިކަމަށް ހައްލެއް އަންނާނީ ބައިނަލްއަގްވާމީ ފެންވަރެއްގައި މަަސައްކަތްކޮށްގެން ކަމަށެވެ. އަދި އެ ބައިނަލްއަގްވާމީ ގޮތުން ކުރާ މަސައްކަތަކީ ކަމުގެ މުހިންމުކަމާއި، ދާއިރާއާއި، ހަމަހަމަކަން ބަލައިގަންނަ ނިޒާމެއްގެ ދަށުން ކުރެވޭ މަސައްކަތަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ، "އެއްވެސް ފަރާތެއް ބާކީ ނުކޮށް" ހުރިހާ އެންމެނަށް ހަމަހަމަ ގޮތެއްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގެއް ފަހިކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

"އެޑެޕްޓޭޝަންގެ ތަންފީޒުކުރުމާއި އިންވެސްޓްމަންޓް އަވަސްކުރުން" ގެ ދަށުން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ ބޭނުމަކީ، "ކޮޕް30″ގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް އަވަސްކުރުމާއި، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމެވެ.

'ކޮޕް 30′ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު 10 އިން 21 އަށެވެ.