މ. މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. މުއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި އެމްޓީސީސީގެ މެނެޖިންގ ޑިރެކްޓަރް އަހުމަދު ސައުދީ އެވެ.
ގިރާ ސަރަހައްދުގެ މަޝްރޫއުގެ ދަށުން، 363 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 130 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ރިވެޓްމަންޓް ބެކްފިލްކުރުމުގެ އިތުރުން ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެ އެވެ. 250 ދުވަސްތެރޭ ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫއުއަކީ 35.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
މީގެއިތުރުން، މުލީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވެ އެވެ. ކުނި މެނޭޖްކުރުމުގެ މަސަތްކަތް މަޝްރޫއުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ. އަދި މުލީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒެވެ.
މުލީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި މުލީގައި ޕާސްޕޯޓް ޚިދުމަތް ވެސް ފަށާފައިވެ އެވެ. މުލީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން އެވެ. އަދި ފުރަތަމަ ޕާސްޕޯޓް މުލީގެ ރައްޔިތަކާވެސް ހަވާލުކުރެއެވި އެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅެކެވެ.