މ. ނާލާފުށީގެ ބިން ހިއްކާ އިރު މިހާރުގެ ރަށުގެ ސައިޒަށްވުރެ އިތުރަށް 15 ހެކްޓަރުގެ ބިން ހިއްކައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނާލާފުށީގެ ބަނދަރު ބޮޑުކުރުމާއި ބިންހިއްކުމާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ކުންފުންޏަކުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބަނދަރު ބޮޑުކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަމަލީގޮތުން މިއަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
"މިއަހަރު ތެރޭގައި އެންމެ ލަސްވެގެން، ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ ގޮތުން ފަށާނަން، ދެ މަސައްކަތް ވެސް." ރައީސް ވިދާޅުވި އެވެ.
ރަށުގެ ތަރައްޤީއަށް ކުރަމުންދާ އެހެން ކަންކަމަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިރާސީ އާ އަހަރަށް ރަށުގެ ސްކޫލްގެ މަސައްކަތް ފުރިހަމަކޮށްދީ، ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމަށެވެ.
އެމަނިކުފާނު ވަނީ ނާލާފުށީގެ ރައްޔިތުންގެ ތަރަގީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުތައް ރައްޔިތުން އުއްމީދުކުރާވަރަށް، ފުރިހަމަކަމާއި އެކީ ހާސިލުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.
އެރަށުގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.