ރާއްޖޭގެ ގައުމީ ބޭންކު, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓުގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.
މިއަދު ބީއެމްއެލްގެ ޔުއާން އެކައުންޓުތައް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންގްވާއާއި، ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އިންޓަނެޓް އަދި މޯބައިލް ބޭންކު މެދުވެރިކޮށް ޗައިނީ ޔުއާން ކަރަންޓު އެކައުންޓު ހުޅުވުމުގެ ފުރުސަތު އަންމުންނަށާއި، ވިޔަފާރިތަކަށް ހުޅުވައިލުމުގެ އިތުރަށް، ޔުއާން މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފާ ނުވަތަ ޓީޓީ ހެދުމުގެ ހިދުމަތް ބީއެމްއެލްއިން ތައާރަފުކޮށްފައިވެއެވެ. އަދި ޓީޓީ މެދުވެރިކޮށް ޔުއާންއިން ފައިސާ ލިބިގަނެވޭނެ ހިދުމަތްވެސް ތައާރަފުކޮށްފައިވެއެވެ.
އޭގެ އިތުރަށް މުދާ އިމްޕޯޓުކުރާ ފަރާތްތަކަށާއި އެކްސްޕޯޓުކުރަ ފަރާތްތަކަށް ޗައިނީސް ޔުއާންއިން އެލްސީ ނުވަތަަ ލެޓަރ އޮފް ކްރެޑިޓް ހެދޭނެ އެވެ. މިއާއި އެކު، ޗައިނާ ވިޔަފާރިތަކާއެކު ފައިސާގެ މުއާމަލާތްކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.
އޭގެ އިތުރަށް ބީއެމްއެލްގެ ރުފިޔާ އެކަައުންޓުތަކަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓަރ ކާޑާއި ޑެބިޓު ކާޑާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އިތުރުކޮށް، އެ މަންސަ މެދުވެރިކޮށް ޗައިނާގެ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް މަގުފަހިވާނެ ކަމުގައި ބީއެމްއެލްއިން ބުނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި، އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ބީއެމްއެލް ގުޅުވައިލުމުން ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.