މ. މަޑުއްވަރީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެ ރަށުގައި ތަރައްޤީކުރާ ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަތުރުފުޅުގައި މި މަރުކަޒުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ.
މަޑުއްވަރީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާރު ކުރަނީ ރަށު ކައުންސިލުންނެވެ. އަލަށް ތަރައްޤީކުރާ މަރުކަޒާއެކު އެމަސައްކަތް ވެމްކޯއިން ކުރާގޮތަށް ހަމަޖައްސައި، ކުނި މެނޭޖްކުރުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރާނެއެވެ.
މި މަސަައްކަތް ކުރުމަށް ވެމްކޯއާ ހަވާލު ކުރީ މި އަހަރުގެ މާރިޗް މަހުގެތެރޭގައެވެ. 32 ރަށެއްގައި މި މަސައްކަތް ކުރުމަށް ވެމްކޯއާ ހަވާލު ކުރިއިރު މި ރަށްތަކުގެ މަސައްކަތްތައް މިއަހަރުގެ 3 ވަނަ ކުއާޓާގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމާއި ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް މުޅި ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެކެވެ.