މ. ދިއްގަރުގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދިއްގަރަށް ވަޑައިގަތުމަށްފަހު ބޭއްވި ޖަލްސާގައި މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރެވުނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީ އެވެ.
ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ މި މަޝްރޫޢަށް 105 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ.
މި ހޮސްޕިޓަލް އެޅުމުގެ މަޝްރޫޢަކީ މ. ދިއްގަރުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ރަށުގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.
މި މަޝްރޫޢު ނިމުމުން ދިއްގަރު ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.