ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތުގެ ގޮތުގައި ނިމިދިޔަ އޮގަސްޓު މަހު 52.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެންސްޕާއިން ބުނެފި އެވެ.
އެންސްޕާއިން ވަނީ ހުސްވި އޮގަސްޓް މަހުގެ ތަފާސްހިސާބުތައް އާއްމުކޮށްފަ އެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު ފޯރުކޮށްދިން މާލީ އެހީގެ ތަފާސްހިސާބުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 14673 މީހުން ރެޖިސްޓާ ކޮށްފައިވެ އެވެ. މިދިޔަ މަހު އެ ދަފްތަރުގައި އަލަށް 125 މީހުން ރެހިސްޓަރ ކުރިއިރު، އޭގެ ތެރެއިން 14،492 މީހުންނަށް އެހީ ފޯރުކޮށްދީފައިވެ އެވެ. އެގޮތުން އެ މީހުންނަށް 52،664،000 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް ވެސް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން މިދިޔަ މަހު، ފަގީރު ހާލަތުގައި އުޅޭ 700 މީހަކަށް ކާބޯތަކެތި ގަތުމަށް އެހީގެ ގޮތުގައި 25،720 ރުފިޔާ ދޫކޮށްފައިވެ އެވެ. އެ ލިސްޓުގައި 4 މީހަކު އަލަށް ރެޖިސްޓާކޮށްފައިވެ އެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ 97 ބެލެނިވެރިންނަށާއި 130 ކުޑަކުދިންނަށް މާލީ އެހީގެ ގޮތުގައި 178،500 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މި ލިސްޓަށް މިދިޔަ މަހު އަލަށް 4 މީހަކު ރެޖިސްޓާވެފައިވެ އެވެ.
އެކަނިވެރި މައިންބަފައިންގެ ތެރެއިން 2870 މީހަކަށާއި 4901 ކުޑަކުއްޖަކަށް މިދިޔަ މަހު މާލީ އެހީ ދޫކޮށްފައިވެ އެވެ. އެފަރާތްތަކަށް 4.9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެ ލިސްޓުގައި 30 މައިންބަފައިން އަލަށް ރެޖިސްޓާ ކުރިއިރު 69 ކުޑަކުދިން ވެސް އަލަށް ރެޖިސްޓާކޮށްފަ އެވެ.