ފ. ނިލަންދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަށުގެ މަގުތައް ތަރައްގީކުރާ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
2500 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ވިއްސާރަ މޫސުމުގައި މަގުތަކުގަ ޗަކަ ހެދި، މީހުންނަށް މަގުތައް ބޭނުންކުރަން އުނދަގޫވެ އެވެ. އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި މި މަޝްރޫޢު ނިމުމުން އެ މައްސަލައަށް ހައްލެއް އަންނާނެ އެވެ.
115.23 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 720 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ.
ނިލަންދޫގެ މަގުތައް ތަރައްގީކުރުމުގެ އިތުރުން، އެ ރަށުގައި ދަޅު ބަންދުކުރާ ކާރުހާނާ އެއް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.