ފ. ނިލަންދޫގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސައުދީ ފަންޑުން ފައިސާ ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުއާ ގުޅޭ "ސްޓަޑީތައް ހެދުމާ ކުރެހުންތައް ހެދުމުގެ" މަސައްކަތް ނިމުމުން މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފަށާނެ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެންނަށް އަމަލީ މަސައްކަތަށް ނުދެވެނީ ބޭރުގެ މަޝްރޫއުއެއް ވީމަ ބޭރުގެ ފަންޑުތަކުގަ ހަމަޖެހިފަ ހުންނަ ތަރުތީބުން އެ ޕްރޮސީޖާ ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ވީމާ. މި މަޝްރޫއު އެހިނގަނީ މި ދެންނެވި މަރުހަލާގަ" ރައީސް ވިދާޅުވި އެވެ.
50 އެނދުގެ ހޮސްޕިޓަލް މަޝްރޫއު ރައީސް މިރޭ އިއުލާނުކުރެއްވިއިރު، މިރޭގެ ޖަލްސާގައި ވަނީ ނިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމުގެ އިތުރުން، ފިއުލް ޝެޑް ގާއިމްކުރުމާއި، މަގު ހެދުމުގެ މަޝްރޫއާއި، ދަޅު ބަންދުކުރާ ކާރުހާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތާއި، ވެމްކޯގެ ހިދުމަތް ފެށުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި މަޝްރޫއުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްތަކަކީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށްޓަކާ ސޮއިކުރެވުނު މަޝްރޫއުތަކެއް ކަމަށާއި ކޮންމެ ވައުދެއް ވެސް ވެވަޑައިގަންނަވަނީ ހުރިހާ ކަމަކާ މެދު ވިސްނެވުމަށްފަހު ކަމަށެވެ.
"އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް ނުކުރެވޭނެ ވައުދެއް ނުވަން، ނުވެސް ވާނަން. ނުކޮށްދިނުމަށް ނޫނިއްޔާ ނުކުރުމުގެ އެއްވެސް ވިސްނުމެއް ވެސް އަޅުގަނޑުމެންގެ ނޯންނާނެ. ކޮންމެ ވާހަކައެއް ވެސް ރައްޔިތުން ގާތު ދަންނަވަނީ އެކަން ކުރުމުގެ ހުރިހާ ކަންކަމާ މެދުގައި ވިސްނާފަ" ރައީސް ވިދާޅުވި އެވެ.