ފ. ބިލެތްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސް ކޮށްދިނުމަށް އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.
ބިލެތްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްދިނުމަށް ކައުންސިލުން އެދުނީ، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ރަށަށް ވަޑައިގެން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މިބައްދަލުވުމުގައި ކައުންސިލުން ވަނީ، ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުން،ރައްޔިތުން އެދޭގޮތަށް ނިންމައި ދޭން އެދިފައެވެ. އަދި ރަށުގެ ބިންހިއްކުމުގެ މަޝްރޫއު އަވަސް ކޮށްދިނުމަށާއި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވެސް އެދުނެވެ. ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
ބިލެތްދޫގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވަނީ ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މަސައްކަތް ނިންމަވާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަޝްރޫއުއާއެކު ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފ. އަތޮޅު ހިމެނޭ ގޮތަށް ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރާތްކުރައްވާނެ އެވެ.