ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ބިލެތްދޫ ހިއްކައިދޭނަން: ރައީސް

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. ބިލެތްދޫގެ ރައްޔިތުންނާ ވާހަކަދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ބިލެތްދޫ ހިއްކައިދޭނަން: ރައީސް

SHARE

ފ. ބިލެތްދޫގެ ބަނދަރު ތަރައްގީކުރާއިރު އެ މަޝްރޫއުއާއެކު ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށްދަވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ ގަވާއިދުތަކުން އެކަމަށް ޖާގަ ދޭ މިނަކަށް އެ ރަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ.

ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފ. ބިލަތްދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ރަށަށް މުހިއްމު ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

އެގޮތުން، ބިލެތްދޫގައި ބަނދަރު ތަރައްގީކުރާއިރު އެކަން ކުރާނީ ޖާގަ ތަނަވަސްކޮށް، ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށްފަހު ކަމަށެވެ. ރައީސް މިގޮތަށް ވިދާޅުވީ ބަނދަރު މިހާރު ޑިޒައިންކޮށްފައި އޮތް ވަރަށް ވުރެ ފުޅާކޮށް، ޖާގަ ތަނަވަސްކޮށް ތަރައްގީކުރަން ބޭނުންވާ ކަމަށް ރަށުގެ ރައްޔިތުންގެ ފަރާތުން އެދިފައިވާކަން ފާހަގަކުރައްވަމުން ނެވެ.

" ރައްޔިތުންގެ އެކްސްޕެކްޓޭޝަންއަށް ވީ އެންމެ ފުޅާ މިނެއްގައި ނޫނިއްޔާ އުއްމީދުތައް، އެދޭ މިންވަރު، ހާސިލުކޮށްދިނުމުގައި ބަނދަރު އަޅުގަނޑުމެން ހަދާނީ މި ދެންނެވި ގޮތަށް ވިސްނައިގެން ރައްޔިތުން އެދޭ ގޮތަށް." ރައީސް ވިދާޅުވި އެވެ.

ބަނދަރު ފުޅާކުރުމުގެ މަޝްރޫއު އާއެކު ރައްޔިތުން ބޭނުންވާ ގޮތަށް، ފަޅު ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ހިއްކައިގެން ރަށުގެ ޖާގަ އިތުރުކުރެއްވުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ފަރުގެ އެންމެ އެޖުން ފެށިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ގަވާއިދުތަކުގެ ތެރެއިން ދޫކުރަން ޖެހޭ ޖާގަ އޮވޭ. އެއީ ރައްކަލަކަށްޓަކައި، ގުދުރަތީ ގޮތުން ކުރަންޖެހޭ ކަމެއް. އެ ޖާގަ އެންމެ ކުޑަ މިނަށް ބާއްވައި ރަށުން ބިން އިތުރުކުރެވޭނެ އެންމެ ބޮޑު މިނަކަށް އިތުރުކޮށްދޭނެ ވާހަކަ މި ދެންނެވީ" ރައީސް ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވީ އެމްޓީސީސީގެ އިސްވެރިން އެ ރަށުން ފުރާވަޑައިގަންނަވާނީ އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ މަސައްކަތް ނިންމުމަށްފަހު ކަމަށެވެ.