ވ. ފެލިދޫގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫ އަށް ވަޑައިގެންނެވުމުން ރަށު ރައްޔިތުންނާއެކު ބޭއްވި ރަސްމިއްޔާތުގަ އެވެ.
696 މީހުންގެ އާބާދީއެއް އޮންނަ ފެލިދޫގައި ފިޓްނެސް ސެންޓަރެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ދައުދީ އެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މިމަޝްރޫއުގެ ދަަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ފުރާޅު ހަރުކުރުމާއި ބޭރު ފާރުމާކުރުމާއި ދަވާދުލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. 5.34 މިލިއަން ރުފިޔާ އަށް ހަވާލުކުރެވުނު މި މަޝްރުޢުއަކީ 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ.
މި މަޝްރޫއު ނިމުމާއެކު، ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބޭނެ ކަމަަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.