ސިޔާސީ މަގްސަދެއްގައި ތަކެތީގެ އަގުބޮޑުކޮށް، ރައްޔިތުންނަށް ގެއްލުން ދޭން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެކަން މިސަރުކާރުން ވިޔަ ނުދޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ވ. އަތޮޅު ހިމެނޭ ގޮތަށް 4 އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފެލިދޫއަށް ވަޑައިގެން ކައުންސިލާއި ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސްގެ މި ވާހަކަފުޅުގައި އިޝާރާތްކުރެއްވީ، އަސާސީ ކާބޯތަކެތީގެ އަގު ރާއްޖޭގައި އިންތިހާއަށް އުފުލުނު މައްސަލަ އަށެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އެތަކެތި ބަލްކުކޮށް ގެނެސް ޑިސްޓްރިބިއުޓް ކުރުމަށް އެސްޓީއޯ އާ ހަވާލުކޮށްފަ އެވެ.
ރައީސް ވިދާޅުވީ އާފަލާއި އޮރެންޖު ފަދަ ބާވަތްތަކުގެ އަގު ބޮޑުކުރީ އެހެން ގޮތެއް ނެތިގެން ކަމަށް ވިޔަފާރިވެން އޭރު ބުނަމުންދިޔަ ނަމަވެސް، ބައެއް މީހުނ ތަކެތީގެ އަގު ބޮޑުކުރީ، ރައްޔިތުންނަށް ގެއްލުން ދިނުމަށް ކަމަށެވެ.
އޭގެ ނަތީޖާއަކީ ކޮބައިތޯ؟ އިހަށް ދުވަހު ބޭންކުން ޑޮލަރު ނުލިބިގެން، ހަމަ އެއްވެސް ގޮތެއް ނެތިގެން އަގުބޮޑު ކުރި އާފަލާއި އޮރެްޖުގެ އަގު މިހާރު ތިރިވެގެން ހިނގައްޖެ. އޭގެ މާނައަކީ މީގެދެ ތިން ދުވަސް ކުރިން ޑޮލަރު ނުލިބިގެން ބޭންކު ރޭޓުގައި ޓީޓީ ހަދަން ނުލިބުނު ބޭންކް އޮފް މޯލްޑިވްސް އިން ރަނގަޅު ކޮށްދިނީތޯ؟ ހަމަ އޭރުވެސް ލިބޭ ރަނގަޅަށް. އެ ވާހަކަ މިދަންނަވަނީ، ސިޔާސީ ބޭނުމެއްގައި އޯގަނައިޒްޑް ގޮތެއްގައި ގަސްދުގައި ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަކުރޭ.
ރައީސް ވިދާޅުވީ މި ސަރުކާރުން އެފަދަ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. "ރައްޔިތުންނަކާ ކުރަން ޖެހުނު ކޮންމެ ކަމެއް" ކުރައްވާނެ ކަމަށް ވިދާޅުވަމުން ރައީސް ދެއްވީ ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގު ބޮޑުކޮށް، ރައްޔިތުންނަށް ގެއްލުން ނުދެވޭނެ ކަމަށެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ ސީ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ތަރައްގީކުރެއްވުމަށް ހިމަނުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ޚާއްސަކޮށް ވ. އަތޮޅަށް އެ ޚިދުމަތް ފަސޭހަކަމާ އެކު ލިބޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ސީ އެމްބިއުލެންސްގެ ޚިދުމަތް އެއީ ރާއްޖޭގައި މިހާރު ތަރައްޤީ ކުރަންޖެހިފައި އޮތް ކަމެއް ސީ އެމްބިއުލެންސްގެ ޚިދުމަތް ލިބޭ ބައެއް ތަންތަނުގައި މި އަތޮޅަކު ނުލިބޭ އެހާ ރަނގަޅަކަށް ނުލިބޭ ފަހަރު ގިނައިރު ވެސް މީގެ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ކުރިން ކެބިނެޓްގައި މިކަމާއި މަޝްވަރާކޮށް ސިޔާސަތެއް ކަނޑައަޅައި މި އަހަރު މި އަންނަ އަހަރު މި ފާސްކުރާ ބަޖެޓުގައި އެބަ ހިމަނަން"
ފެލިދޫ އަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވަނީ ފަށާފަ އެވެ. އަދި އެ ރަށުގައި ފިޓްނެސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ.