ފުލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި

ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން (ފޮޓޯ/ ރައީސް އޮފީސް)

ފުލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި

SHARE

ވ. ފުލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ

521 މީހުންގެ އާބާދީއެއް އޮންނަ ފުލިދޫގައި މި މަޝްރޫއުތައް ފެށިގެން ދިޔައީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅު ހިމެނޭގެން 4 އަތޮޅަކަށް ކުރައްވަން މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވުމުން ނެވެ. ފުލިދޫ އަކީ އެމަނިކުފާނުގެ ފުރަތަމަ މަންޒިލެވެ.

އެ ރަށަށް ވަޑައިގެން އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމާއި ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގަ އެވެ.

އެމަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިން ނެވި އެވެ.

ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ބަނދަރު ހެދުމުގެ މަސައްކަތް 463.46 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނ (އެމްޓީސީސީ)އާ ހަވާލުކުރީ މި މަހުގެ 7 ގަ އެވެ.

ފުލިދޫގެ ބަނދަރު ކުޑަވުމުން މުދާ އަރުވައި، ބޭލުމަށާއި ރަށަށް އަރާ ފޭބުމުގައި، ބޮޑެތި ދަތިތަކެއް ދިމާވެއެވެ. މަޝްރޫއު ނިމުމާއެކު ލަފާފުރުމުގައާއި މުދާ އަރުވައި، ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.  މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް، އުމްރާނީ ގޮތުންނާއި، އިޤްތިސޯދީ، ގޮތުން، ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި މަޝްރޫޢުގެ ދަށުން، 79،933 ކިއުބިކް މީޒަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޒަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި 439 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 174 މީޒަރުގެ ޖިއޓިއުން ރިވެޓްމަންޓް ޖެހުމާއި 25 މީޒަރުގެ ގްރޮއިން: ޖަހާނެ އެވެ. 77 މީޒަރުގެ ބޭރުތޮށިލުމާއި، 1, 450 އަކަ މީޒަރުގެ ޕޭވްމަންޓް ހެދުމާއި 6 މީޒަރު ދިގު 40 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެ އެވެ. މިއީ 465 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫެއު އެކެވެ.