މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ބަލަނީ

ނޫސްވެރިން މަޖިލީސް ދޮށުގައި ކުރި މުޒާހަރާގެ ތެރެއިން (ފޮޓޯ/ ސަން އޮންލައިން)

މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ބަލަނީ

SHARE

މީޑިއާ ރެގިއުލޭޓްކުރުމަށް ހުށަހެޅި ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި މިދިޔަ އަންގާރަ ދުވަހު ކުރި މުޒާހަރާގައި، މުޒަހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ކުރާ ތުހުމަތުތައް އެ ޚިދުމަތުގް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑޫން ބަލަމުންދާ ކަމަށް ބުނެފި އެވެ.

އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މުޒާހަރާގެ ނޫސްވެރިންނާއި ބައިވެރިންނާ މެދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް އެދި ފުލުހުންގެ އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފަ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނީ، މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާއިރު ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދުގައި އެއްވުންތައް ބޭއްވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ނުވާ ކަަމަށް ބުނެ ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެ ސަރަހައްދަކީ އެ ގާނުނުގެ ދަށުން އެއްވުން މަނާ ސަރަހައްދަކަށްވާއިރު ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށެވެ.

މިކަން ފާހަގަކޮށް ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށެވެ. މި މުޒާހަރާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މުޒާހަރަާ ރޫޅާލުމަށް މަސައްކަތްކޮށްފައިވަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.

"އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައިވެސް، ކުރިން ދެންނެވުނު ފަދަ އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެއެވެ."

"ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަން ފާހަގަ ކުރަމެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައި ވެސް، ފުލުހުން އަމަލުކޮށްފައިވަނީ އެ ބަޔާނުގައި ބުނެފައިވާގޮތުން " އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން" ނެވެ.

"ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ގުޅޭގޮތުން" އެ ބަޔާނުގައި ބުނެފައިވަނީ، އެ ފޮޓޯތަކަކީ، "ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ" ފޮޓޯތަކެއް ކަމަށެވެ.