ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލު އަނބުރާ ދައްކަން ޖެހޭ ތާރީޙު ފަސްކޮށްދީފި އެވެ.
ފިނޭންސް މިނިސްްޓްރީން އިންޑިއާ ހައި ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ވަނީ ބައްދަލުކުރައްވާފައެވެ.
ދެ ގައުމުގެ އިގްތިސާދީ ގުޅުން މުރާއާކޮށް ހަރުދަނާކުރުން ކަމަށްޓަކައި ބޭއްވި މި ބައްދަލުވުމުގައި އެންމެ އެންމެ މުހިއްމު ކަމަކަށް މަޝްވަރާކުރީ މިނިސްޓްރޫީން ބުނިގޮތުގައި، އެސްބީއައި އިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ނެވެ. މިއަދު މުއްދަތު ހަމަވާ އެ ޓީބިލު ފާސްކޮށްދޭން ނިންމިކަން އެ ބައްދަލުވުމުގައި ކަށަވަރުވެގެންދިޔައިރު ފިނޭންސް މިނިސްޓްރީން ބުނީ މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެިކަން ކަމަށެވެ.

މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ވެސް މަޝްވަރާކޮށްފައިވެ އެވެ. ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުސަތުތަކާ ގުޅިގެން ވެސް މަޝްވަރާ ކުރެވުނުއިރު ދެފަރާތުންވެސް ވަނީ އިގްތިސޯދީ އެއްބާރުލުމަށް އައު ފުރުސަތުތައް ހޯދުމަށާއި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.