ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފި އެވެ.
މި ބިލަކީ، 2025 ސެޕްޓެންބަރު 15 ވީ ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (5) އިން ފާސްކުރައްވާފައިވާ ބިލެކެވެ.
މި ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.
އާއްމު ވޯޓެއް ނެގޭނީ، މި ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައާއި ގައުމީ މުހިއްމު މައްސަލަތަކުގެ އިތުރުން ޤާނޫނުއަސާސީގައި ރައްޔިތުންގެ އާއްމު ވޯޓަކަށް އަހަންޖެހޭ ހުރިހާ ހާލަތެއްގަ އެވެ. އޭގެތެރޭގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ ކޮންމެ ކަމެއް ހިމެނެ އެވެ. މަޖިލީހުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާހާބުކުރާ ގޮތަށް ބަދަލު ގެންނަނަމަ، އެކަމަށް ވެސް އާއްމު ވޯޓެއް ނަގަންޖެހޭނެ އެވެ.
ހަމައެއާއެކު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އެކަން މަޖިލީހަށް އަންގާ ހަލަތުގައާއި ރާއްޖޭގެ ސަރަހައްދާ ގުޅޭ ކަންކަމުގައި ވެސް އާއްމު ވޯޓެއް ނަގަން ޖެހޭނެ އެވެ.
މި ބިލުގައި ބުނެފައިވަނީ ރައްޔިތުންގެ އާއްމު ވޯޓެއް ނެގުމަށް ކަނޑައެޅޭނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އާއްމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހާލަތުގައި ވެސް އެކަންކަން ގަރާރަކުން ކަނޑައެޅުއްވޭނެ ކަމަށް ވެސް ބިލުގައި ވެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި އާއްމު ވޯޓު ނެގުމާ ގުޅޭ ބިލެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ޕްރިފަރެންޝަން ވޯޓިން ނިޒާމަކަށް ވޯޓު ލާ ނިޒާމު ބަދަލުކުރުމަށް އާއްމު ވޯޓެއް މިއަހަރު ނެގުމަށް ވިސްނަވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ހާމަކުރައްވާފަ އެވެ. ވޯޓުލާ ނިޒާމު ބަދަލުކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކީގައި ބާއްވާގޮތަށް ވެސް މިއަހަރު ނިމުމުގެކުރިން އިސްލާހު ހުށަހެޅުމަށް ގަސްދުކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ ދައުރު ފެށޭ ދުވަސް ކުރިން ވެސް އޮތް ގޮތަށް ނޮވެމްބަރު 11 އަށް ބަދަލުކުރުމަށާއި ޤާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ލިޔުމަށް ނިންމާފައިވާކަން ވެސް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހާމަކޮށްފަ އެވެ