ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން’ގެ ބިލު މިއަދު ފާސްްކޮށްފި އެވެ.
އަމިއްލަގޮތުން އިންތިޚާބުވެވަޑައިގެންނެވި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކުރުމަށްފަހު، އިއްޔެ އެވެ.
އެކަމަކު އޭގެ ފަހުން ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ލިބުމުން، އެއާއެއްގޮތަށް ފާސްކުރުމަށް މިއަދު ވެސް ބައްދަލުވުމެއް ބޭއްވި އެވެ.
ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމަށް މިއަދުު ހަވީރު ބޭއްވި ޖަލްސާގައި، ކޮމިޓީ ރިޕޯޓަށް ސަރުކާރު ހިންގާ ޕީއެންސީން ހުށަހެޅި ތިން އިސްލާހެއް ގެނެސްފައިވެ އެވެ. އެ އިސްލާހުތަކާއެކު، ބިލު ފާސްކުރަން ވޯޓު ދެއްވީ 60 މެމްބަރުން ނެވެ. އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވޯޓުދެއްވީ ބިލާ ދެކޮޅަށެވެ.
އެމްޑީޕީގެ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ސަރުކާރުން ހުށަހަޅައި، މަޖިލީހުން މި ބިލަށް ގެނެސްފައިވާ އިސްލާހުތަކަކީ:
- ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ ބަދަލުކުރުން
- ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި، 18 ވަނަ މާއްދާގެ (ޅ) ބަދަލުކުރުން
- 72 ވަނަ މާއްދާ މާއްދާގައި އޮތް ވަކިވަކި ނޫސްވެރިންް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ބައި އުނިކުރުން
- ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ އުނިކުުރުން
- ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނުގެ ވެރިކަން ދެމެެއްޓުމުގެ އަސާސްތައް ކުރިއެރުވުން
- ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުން.
- 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން
- ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަޙުޤީޤު ކޮމިޝަނުން ޤާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުޞޫލުތައް ބިލުގައި ހިމެނުން
- މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުން
- ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން
ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން ވިދާޅުވީ މި ބިލުގެ ސަބަބުން ނޫސްވެރިންނަށް ރައްކާތެރިކަން ލިބި، ނޫސްވެރިކަން ކުރަން ހުރި ހުރަސްތައް ހަނިކުރެވިގެންދާ ކަމަށެވެ. ސަރުކާރު މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މި ބިލުގެ ސަބަބުން އާއްމު ރައްޔިތުންނަށް ވެސް ރައްކާތެރިކަން ލިބިގެންދެ އެވެ.
ބަހުސް ގަޑީގައި ވެސް އިދިކޮޅު މެމްބަރުން ގެންދެވީ ބިލާ ދެކޮޅަށް އިހުތިޖާޖްކުރައްވަމުން ނެވެ. އެ މެމްބަރުން ގަބޫލުުރައްވާ ގޮތުގައި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް ހުށަހަޅާފައިވާ ބިލެކެވެ.