ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރާނެ ކަމަށް ބުނުމުން ޕެޓިޝަންގެ މަސައްކަތް ނިންމާލައިފި

މިއަދު ބޭއްވި ކޮމިޓީ ބައްދަލުުމުގެ ތެރެއިން (ފޮޓޯ/ މަޖިލީސް)

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރާނެ ކަމަށް ބުނުމުން ޕެޓިޝަންގެ މަސައްކަތް ނިންމާލައިފި

SHARE

މީޑިއާ ރެގިއުލޭޓްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ހުށަހެޅި ޕެޓިޝަންގެ މަސައްކަތް ، މަޖިލީހުގެ ކޮމިޓީން މިއަދު ނިންމާލައިފި އެވެ. އެގޮތަށް ކޮމިޓީން ނިންމީ، އެ ޕެޓިޝަންގައި ހުރި ކަންކަން ހައްލުކޮށްދޭނެ ކަމަށް ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނުމުން ނެވެ.

151 ނޫސްވެރިޔަކު ސޮއިކޮށް މަޖިލީހަށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް އެދި ބިލު ދިރާސާކުރާ ކޮމިޓީއަށް ލަފާދިނުމަށް ޕެޓިޝަން ކޮމިޓީން އިއްޔެ ނިންމި އެވެ.  މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލު ފާސްކުރިއިރު، ނޫސްވެރިންގެ ޕެޓިޝަން ދިރާސާކުރުމަށް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވެ އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް މިނިވަން މުއައްސާތަކުގެ ކޮމިޓީން ބުނެފައިވާތީ އެ ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރަން ނުފެންނަ ކަމަށް ނިންމާފަ އެވެ. މިގޮތަށް ހުށަހެޅުއްވީ މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒެވެ.

"ކޮމިޓީން ފާހަގަކޮށްފައި އެވަނީ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް. އެހެންކަމުން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ޕެޓިޝަނުގެ މަސައްކަތް އިތުރަށްކުރިއަށްގެންދަން ޖެހޭ އެއްވެސް ސަބަބެއް  އޮތް ކަމަކަށް. " ޝަމީޒް ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއްރަހުމާން ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.