ސްކޭމް މައްސަލަތަކަކާ ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެފި އެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މިމަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށެވެ.
މިފަދަ އޮޕަރޭޝަނެއް ހިންގަން ޖެހުނީ، ފުލުހުން ބުނިގޮތުގައި ހުށަހެޅޭ ސްކޭމްގެ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިގެން ކަމަށެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުންޏެވެ.
ސްކޭމް މަދުކުރުމަށްޓަކައި ފުލުހުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މި ފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ހިންގަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.