އޭޖީ އޮފީހަށް 75 އަހަރީ ޖަލްސާ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

419649_b0ab8e09-d_

އޭޖީ އޮފީހަށް 75 އަހަރީ ޖަލްސާ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުން ޝާއިޢުކުރެއްވި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފަ އެވެ.

މީގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، އެމަނިކުފާނު ވަނީ އިނާމް ޙަވާލުކޮށްދެއްވައިފަ އެވެ. ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށްވެސް މިރޭގެ ޖަލްސާގައިވަނީ އިނާމް ދެއްވާފަ އެވެ. މި މުވައްޒަފުންނަށް އިނާމް ޙަވާލުކޮށްދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، އެ އޮފީހުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި ހަނދާނީ ފިލާ އެރުވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އެވެ.

މިރޭ ބޭއްވެވި ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލް ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ޝަރުޢީ ކޯޓުތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ ބަންޑާރަނައިބުންނާއި ބަންޑާރަނައިބުގެ އޮފީހުގައި މީގެ ކުރިން ޚިދުމަތްކުރައްވާފައިވާ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މިހާރުވެސް އެ އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ އޮތް ޖަލްސާގައި ނެންގެވި ހަނދާނީ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.