ބިނާކުރަނިވި މަޝްވަރާއާއެކު މީޑިއާ ބިލަށް ބަދަލު ގެނެވިދާނެ: އޭޖީ

ބަންޑާރަ ނަިއބު އަހުމަދު އޫޝާމް (ފޮޓޯ/ ރައީސް އޮފީސް)

ބިނާކުރަނިވި މަޝްވަރާއާއެކު މީޑިއާ ބިލަށް ބަދަލު ގެނެވިދާނެ: އޭޖީ

SHARE

މީޑިއާ ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ބިނާކުރަނިވި މަޝްވަރާއަާއެކު އެ މައްސަލަތަކަށް ހައްލު ގެނެވޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް އަމިއްލަގޮތުން އިންތިޚާބުވެވަޑައިގެންނެވި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު މީޑިއާ ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި މެދު އާންމުންނާއި މީޑިއާތަކުގެ ހުރި ކަންބޮޑުވުންތައް އަހައި އެކަންކަމާ ގުޅޭ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން އޭޖީ އޮފީހުން ވަނީ މިހާރު ހުށަހަޅާފަ އެވެ. އެ ބިލު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.

އެ އިސްލާހުތަކާ ގުޅުަވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭޖީ އުޝާމް ވިދާޅުވީ، އެހެން ބިލްތަކެކޭ އެއްފަދައިން މި ބިލުވެސް އިސްލާހުކުރާނީ ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާއި ލަފާގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މީގެއިތުރުން، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުމާ ގުޅިގެން ބިލުގައި މިހާރު އޮތް މާއްދާއާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރައްވާ އޭޖީ ވަނީ އެ ލަފްޒުގެ މާނަ ތަފްސީލުކުުރުމަށް މިހާރު ހިމަނާފައިވާނެ ކަން ވެސް ފާހަގަކުރައްވާފަ އެވެ. އޭޖީ ވިދާޅުވި ގޮތުގައި އެ އޮފީހުން އިސްލާހު ހުށަހެޅީ، މީޑީއާ އަށް ބޭކާރު ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށެވެ. މި މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފާހަގަކުރައްވާ އުޝަމް ވިދާޅުވީ މި މައްސަލަތަކަށް ހައްލުކުރަން އަޅަން އެންމެ މުހިއްމު ފިޔަވަޅަކީ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުތައް:

– ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިސްލާހުކުރުން

– ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިޚާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުޠެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލުގެ 28 ވަނަ މާއްދާ އިޞްލާޙުކުރުން

– ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި، 18 ވަނަ މާއްދާގެ (ޅ) އިޞްލާޙުކުރުން

– ބިލުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގައި، ތެދު މަޢުލޫމާތު ހާމަކުރުމުގެ އިތުރުން، އިންޞާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން ހިމެނުން

– ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުން.

– ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން

– ބިލުގެ 42 ވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ "ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު" އުނިކޮށް، "ޢާންމު މަޞްލަޙަތާގުޅޭ މައްސަލަތަކުގައި މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު" ބިލުގައި ހިމެނުމާއި، އެ މިންގަނޑު އިތުރަށް ތަފްޞީލުކުރުން

– ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން

– މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް އިތުރުކުރުން

– ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަޙުޤީޤު ކޮމިޝަނުން ޤާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުޞޫލުތައް ބިލުގައި ހިމެނުން

– ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން

– ކޮމިޝަނުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން

– މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ހިމެނުން