ދުނިޔޭގެ މަޝްހޫރު އީކޮމަރސް ޕްލެޓްފޯމް، އަލީބާބާގައި ދިވެހިންނަށް ސެލަރ އެކައުންޓް ހުޅުވޭ ގޮތް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނސްޓަރު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއާއި އަލީބާބާ.ކޮމް އާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.
“މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ ފުރުސަތަކެވެ.” މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، މިނިސްޓްރީ އާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން މިމަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރާނީ އަލީބާބާ.ކޮމްގެ އެކްސްޕާރޓުންކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.