ބޭހުގެ ދަތިކަން ހައްލުކުރަން ސަރުކާރުން ކުންފުންޏެއް އުފައްދައިފި

large_172611596322lySF

ބޭހުގެ ދަތިކަން ހައްލުކުރަން ސަރުކާރުން ކުންފުންޏެއް އުފައްދައިފި

SHARE

ރާއްޖެއިން ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދައިފި އެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.

އަމިއްލަ ފާމަސީތަކުން ބޭސް ނުއަގުގައި ވިއްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލްކުރި ހިސާބުން ފެށިގެން ރާއްޖޭގައި ބޭސް ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. އަދި ބައެއް އަމިއްލަ ފާމަސީތަކުން ބޭސް އެތެރެކޮށް، އާސަންދައިން ބޭރުން ބޭސް ބޮޑު އަގުގައި ވިއްކާ މައްސަލަ ވެސް ފެންމަތިވި އެވެ.

މިކަންކަން ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި އިރު، އެކަމަށް ޚާއްސަ ކުންފުންޏެއް އުފައްދަވާނެ ކަން ވެސް ރައީސް ވަނީ މީގެ ކުރިން އިއުލާންކުރައްވާފަ އެވެ. ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރައީސް ވަނީ ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ނިންމަވާފަ އެވެ. އަދި އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމް.އެފް.ޑީ.އޭ. ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުމަށް ވެސް ރައީސް ނިންމަވާފައިވެ އެވެ.