އަންނަ އަހަރުން ފެށިގެން ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރުމަށް ރައިސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މިކަން ހާމަކުރައްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަށްރަށުގެ އާއްމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރުމަށް ނިންމެވީ، ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ. މި ނިންމެވުމަށް އަމަލުކުރާނީ ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ނެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯ އިން ދެން ބިލު ކުރާނީ ޑޮމެސްޓިކް ރޭޓުގައި ކަމަށާއި، ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށެވެ.
ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް މީގެކުރިން ބިލު ކުރަނީ ވިޔަފާރިތަކަށް ބިލްކުރާ، ކޮމާޝަލް ރޭޓުގަ އެވެ.
ޑޮމެސްޓިކް ރޭޓުން 100އިން ދަށުގެ ޔުނިޓަކަށް ނަގާނީ 1.25 ރުފިޔާ އެވެ. ކޮމާޝަލް ރޭޓުން އެ އަދަދުގެ ޔުނިޓަކަށް 3.28 ރުފިޔާ ނަގަ އެވެ. ރައީސްގެ މި ނިންމެވުމާއެކު، ރަށްރަށުގެ ކައުންސިލްތަކުން އާއްމު ތަންތަނާއި މަގުތައް ދިއްލުމަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.