ކޮންމެ ޤައުމެއްގެ ވެސް ސިއްހީ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގެ އެންމެ މުހިންމު އަސާސަކީ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭހަށް އާންމު ރައްޔިތުން ކުރާ އިތުބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތްކުރައްވައި އެ އިދާރާގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ ބޭހުގެ ފެންވަރު ބެލެހެއްޓުމާއި ރެގިއުލޭޓް ކުރުމުގެ ދާއިރާއިން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ބާރުއަޅުއްވާފައެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ އުފެދިފައިވާ ޖިއޮގްރަފީ ގޮތުން ވަކިވަކި ޖަޒީރާތަކެއްގެ ގޮތުގައި ވީނަމަވެސް، ކޮންމެ ރައްޔިތަކަށްވެސް ފައިދާހުރި އަދި ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދީގެން، މެދުކެނޑުމެއްނެތި އަދާކުރަންޖެހޭ ޤައުމީ ވާޖިބެކެވެ. އަދި މިފަދަ ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ހޯދިގެންދާނީ ޢިލްމީ ގޮތުން ހަރުދަނާ މިންގަނޑުތަކެއް ޤާއިމުކޮށް، ފަންނީ މުއައްސަސާތައް ބާރުވެރިކުރުވުމުގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގެ އެއްބާރުލުން ލިބިގެން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ޕާކިސްތާނުން ދެމުންގެންދާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން، ޕާކިސްތާނުގެ މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި އަދާކުރަމުންދާ އަގުހުރި ޚިދުމަތްތަކާއި، ދިވެހި ޞިއްޙީ ޚިދުމަތްތެރިންނާއި ނަރުހުން ތަމްރީނުކުރުމަށް އެ ޤައުމުން ވެދެމުންދާ އެއްބާރުލުން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ސިއްހީ ދާއިރާގެ އެއްބާރުލުމުގެ ފަހުމުނާމާގެ ސަބަބުން، ދެ ޤައުމުގެ މެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމާއި، ރެގިއުލޭޓަރީ ނިޒާމުތައް ހަރުދަނާކުރުމަށް ބޮޑެތި ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ގުޅުންތަކުގެ މަންފާ އެންމެ ފުރިހަމައަށް ލިބިގެންދާނީ، އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ސިއްހަތަށް އަންނަ ހެޔޮ ބަދަލުތަކުން ކަމަށް މެޑަމް ސާޖިދާ ބަޔާންކުރެއްވިއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށް ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން އެކަމަނާ ވަނީ ކުރިމަގުގައި މި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.
މި ޒިޔާރަތުގެ އިތުރުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ވެސް ވަޑައިގެން، އެ ތަނުގެ ދިރާސީ އަދި ފަންނީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.