MTCC

ފެށިގެން މިދިޔައީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އާ ބާބެއް: ރައީސް

HVJk_HyasAEY987

ފެށިގެން މިދިޔައީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އާ ބާބެއް: ރައީސް

SHARE

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ތެރެއިން އައު ސަފުހާއެއް ހުޅުވިއްޖެ ކަމަށާއި، މި ބަދަހިވަމުންދާ ގުޅުމުގެ ހަގީގީ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރާއެކު ބޭއްވެވި ރަސްމީ މަތީ ފަންތީގެ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. އެމަނިކުފާނު ވިދާޅުވީ ފާއިތުވި 60 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވަނީ އިސްލާމީ ވަހުދަތާއި އަޚުވަންތަކަމުގެ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މި ދަތުރުފުޅާއެކު އެ ގުޅުން އިތުރު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފައިވާއިރު، ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި އެއްބަސްވުންތައް އަމަލީ މައިދާނުގައި ތަންފީޒުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ހެޔޮ ނަތީޖާ ފޯރުކޮށްދިނުން ކަމަށެވެ.

ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަކީ އިގުތިސާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. ހާއްސަކޮށް، ރާއްޖޭގައި ހަލާލު ޓޫރިޒަމް ފުޅާކުރުމަށް މިއީ ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ބިޒްނަސް ފޯރަމް މެދުވެރިކޮށް، ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވާލަދީ، އައު ޕާޓްނާޝިޕްތަކަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ބޭއްވި ބައްދަލުވުމުގައި ޒުވާނުން ބާރުވެރިކުރުވުމަށާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއިން ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން އެމްބީބީއެސް ހެދުމުގެ ފުރުސަތުތައް އިތުރުކުރުމާއި، ދިވެހި ޑޮކްޓަރުންނަށް އެ ގައުމުގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ މަގު ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ދެމިއޮތުމާ ގުޅިފައިވާ ނާޒުކު މައްސަލައަކަށް ވުމުން، ތިމާވެށި ހިމާޔަތްކުރުމަށް ޕާކިސްތާނުން ދޭ އެއްބާރުލުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރަހައްދީ ހަމަޖެހުމަށާއި ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ޑރ. މުޢިއްޒު ވަނީ ތައުރީފު ކުރައްވާފައެވެ.