MTCC

ދެގައުމުގެ ވިޔަފާރި 200 މިލިޔަން ޑޮލަރަށް އިތުރުކުރަން ޕާކިސްތާނުން ނިންމައިފި

HVIithMaEAAt8a3

ދެގައުމުގެ ވިޔަފާރި 200 މިލިޔަން ޑޮލަރަށް އިތުރުކުރަން ޕާކިސްތާނުން ނިންމައިފި

SHARE

ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް ދެ ގައުމުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ޖޮއިންޓް ސްޓޭޓްމެންޓެއްގައެވެ. މިއީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިޔަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް 13.9 މިލިއަން ޑޮލަރުގެ ވިޔަފާރިއަކީ ދެ ގައުމުގެ ގާބިލިއްޔަތުކަމަށް ބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އެހެންކަމުން، ގުޅިގެން ކުރެވޭ މަސައްކަތްތަކުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާ ކަމަށާއި، މި ބަދަލު ހަގީގަތަކަށް ހެދުމަށް ޕާކިސްތާނު ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން 20 އެއްބަސްވުމެއްގައި ސޮއިކުރެވުނު މި ބައްދަލުވުމުގައި، އިގްތިސާދީ ދާއިރާގެ އިތުރުން ދިފާއީ، ތައުލީމީ، އަދި ސިއްހީ ދާއިރާއިން އެހީތެރިކަން އިތުރުކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. މިގޮތުން ރާއްޖޭގައި ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން 100،000 ޒައިތޫނި ކަޓިންގްސް އާއި 100،000 ގަހުގެ އޮށް ޕާކިސްތާނުން ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ޕާކިސްތާނުން ފޯރުކޮށްދޭނެ ކަމަށްވެސް ބޮޑުވަޒީރު އިއުލާނުކުރެއްވިއެވެ.

މީގެއިތުރުން، ޕާކިސްތާނުން ތައުލީމު ހާސިލުކުރި 250 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން މިހާރުވެސް ހިދުމަތުގައި ތިބިކަން ފާހަގަކުރައްވައި، ސިއްހީ އަދި ތަމްރީނުގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން މުސްތަގުބަލުގައި އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ހިދުމަތްތައް އަގުވަޒަންކޮށް، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަށް ނިންމާފައިވާކަން ވެސް ޝެހެބާޒް އިއުލާނުކުރެއްވިއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގަށް ރާއްޖެއިން ކުރާ ތާއީދު ފާހަގަކުރައްވައި، ޖައްމޫ އަދި ކަޝްމީރުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ޝެހެބާޒް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އިންޑަސް ކޯރުގެ ފެނުގެ މައްސަލައަށް އިޝާރާތްކުރައްވައި، ގުދުރަތީ ވަސީލަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް ޕާކިސްތާނުން އަޑުއުފުލިއެވެ.

ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މި ދަނޑިވަޅުގައި ރައީސް ޑރ. މުއިއްޒު ކުރެއްވި މި ދަތުރުފުޅަކީ ދެ ގައުމުގެ ތާރީހީ އަދި އަހުވަންތަ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ދަތުރުފުޅެއް ކަމަށެވެ.